ހޯރަފުށީ ކައުންސިލްގެ ވެބްސައިޓް އަދި ސާރވިސް ޕޯޓަލް އިފްތިތާޙު ކޮށްފި

29 އޮކްޓޯބަރ 2025 - 21:30

     ހޯރަފުށީ ކައުންސިލްގެ ވެބްސައިޓް އަދި ސާރވިސް ޕޯޓަލް އިފްތިތާހު ކޮށްފި. ކައުންސިލްގެ ވެބްސައިޓް އަދި ސާރވިސް ޕޯޓަލް އިފްތިތާހު ކޮށްފައިވަނީ "ހޯރަފުށީ ދުވަސް" ނަމުގައި ބޭއްވި އެވޯޑް ދިނުމުގެ ޙަފްލާގައި. ވެބްސައިޓް އިފްތިތާޙު ކޮށްދެއްވީ ޙަފްލާގެ ޝަރަފްވެރި މެޙްމާން ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިހް. ވެބްސައިޓް އިފްތިތާޙު ކުރުމާއި އެކު ކައުންސިލްގެ މަސައްކަތްތަކާ ގުޅޭ އެންމެހާ މަޢުލޫމާތު އެއްތަނަކުން ބަލާލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ. 

   "ހޯރަވެހި" ނަމުގައި ތަޢާރަފްކުރި ކައުންސިލްގެ ސާރވިސް ޕޯޓަލް އިފްތިތާޙްކޮށްދެއްވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ހޯރަފުށީ ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް އަޙްމަދު ސަލީމް. މިއީ ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ފަރުމާކޮށް އިފްތިތާޙްކުރި ޚިދުމަތެއް. ޕޯޓަލްމެދުވެރިކޮށް ކޮންމެތާކުން ކޮންމެ ވަގުތަކު މޮބައިލް ފޯން މެދުވެރިކޮށް ބޭނުންވެލައްވާ ޚިދުމަތަކަށް އެދުމުގެ ލުއިފަސޭހަކަން ލިބިގެންދާނެ. އަދި އެދި ލެއްވި ޚިދުމަތް ކުރިއަށްދާ މިންވަރުގެ އަދާހަމަ މެސެޖްގެ ޒަރީޢާއިން އެބޭފުޅަކަށް ލިބިލައްވާނެ. 

   ކައުންސިލްގެ ވެބްސައިޓް އަދި ސާރވިސް ޕޯޓަލް ފަރުމާކޮށްފައިވަނީ "ހޭޝް މޯލްޑިވްސް" ގެ ފަރާތުން.