ހޯރަފުށި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފި
ހޯރަފުށީ ދުވަސް ނަމުގައި ކައުންސިލުން ބާއްވާ އެވޯޑް ދިނުމުގެ ހަފްލާ އޮކްޓޫބަރު 30 ވަނަ ދުހުގެ ރޭ ވާނީ ބާއްވާފައި. ހޯރަފުށީ ދުވަހުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޢާންމު އިއުލާނަކުން.. މިއީ ރަށަށް އެކި ދާއިރާތަކުން ޚިދުމަތް ކުރަށްވާ ފަރާތްތަކާއި އެކި ދާއިރާތަކުން ރަށަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާ ފަރާތްތަކާއި ކައުންސިލާއި ރަށުގެ ތަރައްޤީ އަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ އެވޯޑް ޙަފްލާއެއް. މިއީ މި ޙަފްލާ ބޭއްވުނު ދެވަނަ ފަހަރު. މި އަހަރުގެ އެވޯޑް ޙަފްލާގައި ތަފާތު ދާއިރާތަކުން ޖުމްލަ 79 ފަރާތެއް އެވޯޑް ހާސިލްކޮށްފައިވޭ.
މި އަހަރުގެ އެވޯޑް ދިނުމުގެ ޙަފްލާގެ ޝަރަފްވެރި މެޙްމާނަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް. އަދި އަރިހުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ސަލީމް އާއި މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ބައިވެރިވެލެއްވި.
މި ޙަފްލާގައި ހޯރަފުށީ ކައުންސިލްގެ ވެބްސައިޓް www.hoarafushi.gov.mv އަދި ކައުންސިލްގެ ސާރވިސް ޕޯޓަލް hoaravehi.hoarafushi.gov.mv އިފްތިތާޙު ކޮށްފައިވޭ.
މި އަހަރުގެޙަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކޮށްފައިވާނީ ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރަށްވާ ޤައުމީ އިނާމް ހާސިލްކުރަށްވާފައިވާ ފަރާތެއްކަމުގައިވާ ހއ.ހޯރަފުށި / އިލާ އަލްފާޟިލް މުޙައްމަދު މުޚްތާރު. ހޯރަފުށީގެ ތަރައްޤީ އަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ގެ ވެރިކަމުގައި ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ޙަފްލާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް "ސިރީ ނަވަރަންނަ އައްޑަނަ" ވަނީ އެމަނިކުފާނަށް އެރުވިފައި.